ކެންދޫ މަޤާމް
ވާޖިބަށް ވިސްނާ..!
![]() |
| ބ.ކެންދޫ ސުކޫލް ފޮޓޯ: ބ.ކެންދޫ ސުކޫލް ފޭސްބުކް |
"ޤައުމު ތިބާއަށް ކޮއްދެނީ ކޮންކަމެއްތޯ
ނުބަލާ، ތިބާ ޤައުމަށް ކޮއްދިނީ ކޮން ކަމެއްތޯ ބަލާށެވެ." މިއީ މަޝްހޫރު
ލިޔުން ކޮޅެކެވެ. އެމެރިކާ ދުއް އެންމެ ޒުވާން ރައީސް ކަމަށްވާ ޖޯން ކެނެޑީ އޭނާގެ
ރައީސްކަމާއި ހަވާލުވެ ވަޑައިގެން، ޤައުމާ މުހާތަބު ކުރައްވަމުން ދެއްކެވި އެއް
ވާހަކަފުޅެވެ. ކޮންމެ ބޭފުޅަކު ވިދާޅުވި ބަސްފުޅެއް ނަމަވެސް މިއީ ވަރަށްވެސް
އަގުބޮޑު ނަސޭހަތެކެވެ. މުޖުތަމައަކަށް ދިރުމާ އާރޯކަން ލިބޭނީ އެމޭރުމުން
އަމަލުކޮއްގެން ކަމާމެދު ޝައްކެތްނެތެވެ.
ދުނިޔޭގެ ތާރީހުގައި، ޤައުމަކަށް އާރާއި ބާރާއި، މުއްސަނދިކަން ލިބި އެކަމެއްގައި ދެމިތިބެވި އަދި ކުރިއެރުން ހޯދިފައިވަނީ
އެޤައުމެއްގެ މީސްތަކުންގެ އަމިއްލަ އެދުން ދޫކޮށް، ހިދުމަތުގެ މައިދާނުގައި
ހިތްވަރު ކުރި ކޮންމެ ފަހަރެއްގައެވެ. "އަހަރެން" މިލަފުޒަށްވުރެ ބޮޑަށް
"އަހަރެމެން"، މިލަފުޒަށް
އިސްކަންދިން ޤައުމަކަށް ނޫނީ ތަނަވަސް އުފާވެރި އަދި ހަމަޖެހޭ ދިރިއުޅުމެއް
އުޅެވިފައެއް ނެތެވެ.
ވާޖިބު ކަންތަށްތަކަކީ އިންސާނުންގެ މައްޗަށް
އެކަންތައްތަކެއް ކުރުން ލާޒިމް ކުރުވާ ކަންތަށްތަކެކެވެ. ނުވަތަ އެކަންތަށް
ނުކޮށް ދޫކޮށް ނުލެވޭނޭ ކަންތަށްތަކެވެ. މިފަދަ ކޮންމެ ވާޖިބެއް އަޅައިފި މީހަކަށް
އޭގެ އުގޫބާތް ލިބޭނޭކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ދުނިޔޭގެ މި
ފަނާކުރަނިވި ބިމުގައްޔާއި އާޚިރަތުގައިވެސް މެއެވެ. މި ލިއުމުގައި މި ބަލާލަނީ
މީގެ ތެރެއިން ދުނިޔެވީ އުގޫބާތްތަކާއި އެކަމުގެ ސަބަބުތަކަށެވެ.
ކަންކަމާއި ހަވާލުވެފައިވާ މަސްއޫލުވެރީންނަކީ
އެބައިމީހުންގެ ކަނދުރާގައި އެތަކެއް ވާޖިބުތަކެއް އުފުލާބައެކެވެ. މި ވާޖިބުތައް ހަނދާން ނެތި ނުވަތަ ހަނދާން ނައްތާލާ "އަމިއްލަ އެދުމޭ" މިކިޔާ
ޖަންގަލީގެ ވިސްނުން އިސްކޮއްފި ކޮންމެ މުޖުތަމައެއް ހަލާކާއި ފަސާދައިގެ މަގަށް
މިސްރާބު ޖަހައިފިކަން ޔަގީނެވެ. ތިމާގެ ވާޖިބުތަކުގެ އަޑު މަޑުކޮށް، ޖަމާއަތުގެ
ފަހަތުގައި ނިވައިވެ ހުރެ، "އަމިއްލަ އެދުން" އިސްކޮއްފި މީހާގެ
ސަބަބުން ހިތާމަ ކުރަން ޖެހޭނީ މުޅި މުޖުތަމައެވެ. އެންމެ މީހެއްގެ އެދުމާއި
އުފަލައްޓަކައި އެ ޤުރުބާން ކޮއްލެވެނީ އެމީހަކުވެސް އެމުޖުތަމައަކަށް ނިސްބަތްވާ
މުޖުތަމައެވެ. އެ ފަނާކޮއްލެވެނީ އެތަކެއް ބައެއްގެ ހައްޤުތަކެވެ. އެ އަރައިގަނެވެނީ
އެތަކެއް ބައެއްގެ އަބުރާ ކަރާމަތަށެވެ.
ކޮންމެ އިންސާނަކީވެސް އެމީހަކު ހުރި
ދަރަޖައަކުން އަދާކުރަންޖެހޭ ވާޖިބުތަކެއް ވާ ބައެކެވެ. އެބައިމީހުންގެ އަމިއްލަ
ނަފްސަށާއި އާއިލާ އަށެވެ. ރަށާއި ޤައުމަށެވެ. މިހުރިހައި ވާޖިބުތަކެއް އޭގެ
ހަމަތަކުގެ މަތީން އަދާކޮއްގެން މެނުވީ އެއްވެސް އިންސާނަކަށް އުފާވެރިކަމެއް
ނުލިބޭނެއެވެ. އެހެން މީހުންގެ ފަރާތުން ތިމާ އަށް، ނުވަތަ ތިމާގެ ފަރާތުން އެހެން
މީހުންނަށް ލާބަ އާއި މަންފާ ކުރާނީވެސް އޭރުންނެވެ. އެ ވާޖިބުތަކުގެ ހަމަ، އޮޅި
ގެއްލި ހިނގައްޖެ މީހަކީ، އެމީހެއްގެ ދިރިއުޅުން އޮޅުން ބޮޅުން
ގަނޑެއްގެ ތެރޭގައި އުޅެން ޖެހިފައިވާ މީހެކެވެ. މިއީ ދުނިޔެ ތަމްސީލު ކުރަމުންދާ ހަގީގަތްތަކެވެ.
އަނެކުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދައްކާ ބުނެދިނުމަކީ ދާދި ފަސޭހަކަމެކެވެ. އަދި އެހާމެ ގިނައިން ކުރެވެމުންވެސް އަންނަ
ކަމެކެވެ. މިމޭރުމުން މިކަންތައް ކުރުމަކީ މުޅިއަކުން ގޯސް ކަމެއް ނޫނެވެ.
ނަމަވެސް ހިތާމައަކީ މި މޭރުމުން އެހެން މީހުންގެ ވާޖިބުތަށް ތިމާ އަށް
ފެންނަފަދައިން، ތިމާގެ ވާޖިބުތައް ތިމާ އަށް ނުފެންނަ ކަމެވެ. އަދި
ނުވިސްނޭ ކަމެވެ. އަމުދުން ވިސްނަދޭން ނުރުހޭކަމެވެ. އާހިރު ނަތީޖާ އަކަށް ވެގެން
ދަނީ، ތިމާގެ ވާޖިބުތައް އަދާ ކުރުމުގައި ކަނު، ބީރު މީހަކަށް ތިމާ ވާކަމެވެ.
ހަމަހަމަ ކަމާއެކު، ޤާނޫނީ ގޮތުން އެއްވަރެއްގެ
ބާރު ލިބިފައިވާ ބަޔަކު، އެބައިމީހުންގެ ހުނަރުވެރި ކަމަކުން ނުވަތަ ހާއްސަ
ބާރުވެރި ކަމަކުން، އެބައިމީހުންނަށް ލިބިފައިވާ އިމްތިޔާޒުތަކެއްގެ ބޭނުން
ނުހައްގު ގޮތުގައި ހިފުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ އެފަދަ
އިމްތިޔާޒުތަކުގައި އެބައިމީހުނަނަށް ވާޖިބު ކުރާ އެތަކެއް މަސްއޫލިއްޔަތު ތަކެއް
ވާނޭ ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. މިފަދަ ހުރިހާ މަސްއޫލިއްޔަތު-ތަކަކީވެސް
އޭގެ ފައިދާ އާއި ބޭނުން މުޅި މުޖުތަމައަށް ކުރާނޭ ކަންތަށް ތަކެކެވެ. ޤާނޫނީ
ގޮތުން ލިބިފައިވާ، މިފަދަ ބާރުވެރިކަމަކީ، ތިމާ މެދުވެރިކޮށް އޭގެ ނަފާ މުޖުތަމައުތަކަށް ފޯރުކޮއްދިނުމަށާއި
އެކަންތަށްތަށް ފުޅާކުރުމަށް، ތިމާ އަށް ލިބިފައިވާ ބާރުވެރިކަމެކެވެ.
އެކަންތަށްތަކުގެ ތެރެއަށް "އަމިއްލަ އެދުން" ވަދެ، އިމްތިޔާޒުތަކުގެ
ބޭނުން ތިމާ އެދޭގޮތަކަށް ކޮށް، އެފަދަ އިމްތިޔާޒުތަކުގެ ނިވަލުގައި ފޮރުވިހުރެ، އަދުލުވެރިކަމާއި
އިންސާފުން ރެކި އުޅޭކަމުގައި ވަނީނަމަ، އެކުރެވެނީ ވަރަށްވެސް ވިޔާނުދާ، ޝައިތާނީ
އަމަލެކެވެ.
![]() |
| ބ.ކެންދޫ ކައުންސިލް މެންބަރުންނާއި ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު، ރައީސް އިބްރާހިމް މުޙައަމަދު ޞާލިހާ ބައްދަލު ކުރެއްވުން ފޮޓޯ: ޕީ.އެސް.އެމް |
އިންސާނާއަށް ލިބޭ ކޮންމެ ބާރަކީ، އެ ބާރުވެރި
ކަމަކާއެކު އިންސާނާގެ މައްޗަށް ވާޖިބުތަކަކާއި މަސްއޫލިއްޔަތުތަކެއް މަތި ކުރާ
ކަމެކެވެ. މި ބާރުވެރިކަމަކީ، އޭގައި އެކުލެވޭ ވާޖިބުތަށް އަދާކުރުމުގައި
އެމީހެއްގެ ނަފްސާއި އެދުންތައް އަޅުވެތި ކުރުވާން ޖެހޭނޭ ބާރުވެރިކަމެކެވެ. މިއާ
ހިލާފަށް، ބާރުވެރި ކަމުގެ ހަވާސާއިން އެމީހަކު ބޭރުވެއްޖެނަމަ މުޅި ދުނިޔެ
އެމީހަކަށް މަލާމާތްކޮސް ހަޖޫ ޖަހާނެއެވެ. މިއަދާއި މާދަމާއެވެ. ފައުޅާއި
ސިއްރުގައެވެ. ދޫތަކާއި ހިތްތަކުންނެވެ.
އެއްވެސް ބާރަކާ އެކު، އިންސާނާގެ މައްޗަށް މަތިވާ
ވާޖިބުތަކަކީ، ކޮންމެހެން ފުއްދާން ޖެހޭނޭ ވާޖިބުތަކެކެވެ. މިފަދަ ކޮންމެ ވާޖިބަކީ
އެއިން ރެކެވި ފިލެން އޮންނާނޭ ވާޖިބުތަކެއް ނޫނެވެ. ތިމާގެ އަބުރާ އިއްޒަތާއި،
ޝަރަފާ ގަދަރާއި މީޒާނުގައި ކިރާނޭ ވާޖިބުތަކެކެވެ. މުޖުތަމައު އެމީހަކު
އިންސާފުކުރުމައި އަޅާކިޔާނޭ ވާޖިބުތަކެވެ. މި އިންސާފުގެ ނިޔާ ހިނގާނީ މިއަދަކު
އެކަންޏެއް ނޫނެވެ. އަންނާން އޮތް އެތަށް ޖީލުތަކަކަށް އޭގެ ނިޔާ ހިނގާނެތެވެ.
ބާރުވެރި ކަމާއެކު މަތިވާ ވާޖިބުތަކަށް، ހަމަ
ހަމަ ކަމާއި އަދުލުވެރިކަމާއެކު އިންސާފުކޮއްފި މީހަކީ ހިތްހަމަޖެހިގެން، ތިމާގެ
ނަފްސުގެ ސަބަބުން ތިމާއަށް ވޭންތަކެއް ނުލިބި، ސަލާމަތުގެ މަގުގައި އުޅެވޭނޭ
މީހެކެވެ. އުފަލާ އަރާމަކީ މިއީއެވެ. ދިރިއުޅުމުގެ ފޮނި މީރުކަމަކީވެސް ހަމަ
މިއީއެވެ. މިއާ ހިލާފަށް، ވާޖިބުތަކަށް ފަރުވާކުޑަ ކުޅަ މީހާއީ އެތަކެއް ވޭނަކާއި
ތުރާލެއް ތަހައްމަލު ކޮއްގެން އުޅެން ޖެހިފައިވާ މީހެކެވެ. އެމީހެއް ކުޅަ ކަމަކާއި
އެމީހެއްގެ ނަފްސު ވަކި ނުކުރެވޭނެއެވެ. އެފަދަ މީހުންނަށް އެމީހެއްގެ އަމިއްލަ
ނަފްސުތައް ވެސް މަލާމާތް ކުރާނެއެވެ. އަދި އެހެންމީހުންގެ މަލާމާތުން އެމީހަކަށް
ފިލުމަކީ ލާހިކު ކަމެއްވެސް ނޫނެވެ. ދެމިގެންވާ، ދިލަހުރި ވޭނަކީ އެއީއެވެ.
އަސަރުގަދަ ރިހުމަކީވެސް ހަމަ އެއީއެވެ.
Comments
Post a Comment